ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުސްވެފައިވާ، އެސިޓީގެ އުތުރު ދާއިރާގެ ކައުންސިލަރު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އިދިކޮޅު ކެންޑިޑޭޓް ބަލިކޮށް، ބޮޑު ތަފާތަކުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ކާމިޔާބުކޮށްފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އިބްރާހިމް އަހްމަދު ކާމިޔާބު ކުރެއްވީ 445 ވޯޓުންނެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޝަމްނޫޒް މުހަމައްދަށް ލިބިވަޑައިގެންނެވީ 185 ވޯޓެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑިއަށް އަލުން ކައުންސިލަރަކު އިންތިޚާބުކޮށްފައި މިވަނީ، އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ދާއޫދު، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އިތުރުން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ބައި އިލެކްޝަން ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. ހުޅުމާލޭ ދާއިރާގެ ގޮނޑި އަލީ އައިމަން ކާމިޔާބު ކުރެއްވިއިރު، ފާތިމަތު ޝައުފާ ސަލީމް ވަނީ ހެންވޭރު ހުޅަނގު ދާއިރާ ކާމިޔާބުކޮށްފަ އެވެ. އަދި، ފާތިމަތު އިޝާން އަލީ ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކޮށް ފައެވެ.


