ހުސްވެފައިވާ ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންވެސް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ކާމިޔާބުކޮށްފި އެވެ.
ޕީއެންސީގެ ފަރާތުން އެ ގޮނޑިއަށް އަރީޝް އިސްމާއިލް ވާދަކުރެއްވި އިރު އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑީމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ފަރާތުން ވާދަކުރެއްވީ، ޝާއިލް މާހިރެވެ. އަރީޝްވަނީ އެމްޑީޕީގެ ކެންޑިޑޭޓްގެ މައްޗަށް ކުރި ހޯއްދަވާ އިންތިޚާބު ކާމިޔާބު ކުރައްވާފަ އެވެ.
ބިލެތްދޫ ކައުންސިލްގެ ބައި-އިލެކްޝަން ބާއްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން 6 ދާއިރާއެއްގެ އިންތިޚާބު މިއަދު ބައްވާފައިވާއިރު، ފ. ބިލެތްދޫ ދާއިރާގެ އިތުރުން، މާލެ ސިޓީގެ 3 ދާއިރާއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ޕީއެންސީއަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއަށް ނިސްބަތްވާ ބޭފުޅުން ދަނީ އުފާ ފާޅުކޮށް ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި މަރުހަބާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.



