މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއަކީ ރައްޔިތުންގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒުގެ ތައީދު އިތުރުވަމުންދާކަމުގެ ސާފު ހެތްކެެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޗެއަރ ޕަރސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި 6 ދާއިރާއެއްގެ ބައި-އިލެކްޝަންގެ ތެރެއިން 5 ދާއިރާއެއް ޕީއެންސީއިން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބުކުރެއްވުމާއި ގުޅިގެން، އެކަމާއި އުފާ ފާޅުކުރައްވައި، މަރުހަބާ ދެންނެވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
އަބްދުއްރަހީމްގެ މެސެޖުގައި، ރައީސް ޑރ. މުއިއްޒަށާއި، އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބުކުރެއްވި 5 ބޭފުޅުންނަށް މަރުހަބާ ދަންނަވާފައި ވެއެވެ. އަދި، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުަރައްވައި އެބޭފުޅުންނަށް ވޯޓް ދެއްވި އެންމެހައި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
އަބްދުއްރަހީމްގެ މެސެޖުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފު ކުރައްވައި ވިދާޅުވެފައިވަނީ، މި އިންތިޚާބުގެ ނަތީޖާއިން ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ މެދުގައި އޮތް މިންވަރު އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ހިނގައްޖެކަމަށެވެ.
”މަރުޙަބާ! ރައީސް ޑރ.މުޢިއްޒު. މަރުޙަބާ!އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހައި ބޭފުޅުން.ޝުކުރިއްޔާ ދިވެހި ރައްޔިތުން. ރައީސް ޑރ. މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން މިއަދުވެސް ދައްކައިދީފި.“ އަބްދުއް ރަހީމްގެ މެސެޖުގައި ވެއެވެ.
ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ފަހު މިއަދުގެ އިންތިޚާބުން ޕީއެންސީއަށް މި ފަދަ ބޮޑު ކާމިޔާބީއެއް ލިބުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، އަދި އެބޭފުޅުންނަށް ވޯޓްދެއްވި ބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ.
މިއަދުގެ މި ކާމިޔާބީއާއެކު ޕީއެންސީގެ އިސްވެރިންނާއި، މެންބަރުން ތިބީ އުފަލުން ފޮޅިފައެވެ. ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމާއެކު ފެންނަނީ ޕީއެންސީގެ އިސްވެރިންނާއި، މެމްބަރުން، މިއަދު އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުހަބާ ކިޔައި، ހިއްސާ ކުރަމުންދާ އުފާފާޅުކުރުމުގެ މެސެޖުތަކެވެ.



