މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގައި ޕީއެންސީން ވާދަކުރެއްވި ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަނގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، މިއަދު ބޭއްވި 6 ދާއިރާއެއްގެ ބައި އިލެކްޝަންގެ ތެރެއިން 5 ދާއިރާއެއްގެ ބައި-އިލެކްޝަން ޕީއެންސީން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ކުރައްވާފައިވާތީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި، ކެމްޕޭންގައި މަސައްކަތްކޮށްދެއްވި ބޭފުޅުންނަށާއި، ވޯޓް ދެއްވި ހުރިހާ ރައްޔިތުންނަށްވެސް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައި ވެއެވެ.
މިއަދު ބޭއްވި 6 ދާއިރާގެ ބައި އިލެކްޝަންގެ ތެެރެއިން، މާލެ ސިޓީ ކައުންސިލްގެ 3 ގޮނޑިއާއި ކުޅުދުއްފުށީ ކައުންސިލްގެ ގޮނޑިއާއި، ފ. ބިލެތްދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ވާދަކޮށް ބޮޑު ފަރަގަކުން ޕީއެންސީ ކެންޑިޑޭޓުންނެވެ. ޕީއެންސީއަށް ގެއްލުނު ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރީ މިނިވަން ކެންޑިޑޭޓެކެވެ.
ބައި އިލެކްޝަންތައް ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓުން:
- ހުޅުމާލެ ދާއިރާ: އަލީ އައިމަން
- ހެންވޭރު ހުޅަނގު ދާއިރާ: ފާތުމަތު ޝައުފާ ސަލީމް
- މައްޗަންގޮޅި މެދު ދާއިރާ: ފާތުމަތު އިޝާން އަލީ
- ކުޅުދުއްފުށި އުތުރު ދާއިރާ: އިބްރާހިމް އަހުމަދު
- ބިލެތްދޫ ދާއިރާގެ ރައީސް: އަރީޝް އިސްމާއިލް
6 ދާއިރާއެއްގެ ބައި-އިލެކްޝަން މިއަދު ބޭއްވި އިރު، އިންތިޚާބަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބު ކުޑައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 13،112 މީހުންގެ ތެރެއިން ވޯޓްލުމުގެ ވަގުތު ހަމަވުމާއި ހަމަޔަށް، ވޯޓުލާފައިވަނީ 3،528 މީހުން ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 26.91 ޕަސެންޓެވެ. ވޯޓުނުލާ 9،584 މީހުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.



