އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން ފަންނުވެރިންނަށް ހިލޭ އެހީގެ ގޮތުގައި 25 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މިކަން އިއުލާނުކުރެއްވީ، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން، އިންތިޒާމްކޮށްގެން މިހާރު ކުރިޔަށްދާ ”އަންވެއިލިންގ ވިޜަންސް 2024“ މައުރަޒު ބައްލަވައިލެއްވުމަށްފަހު، ކުރިއަށްދިޔަ ޙަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަންނަ އަހަރުން ފެށިގެން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ބަޖެޓުން އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގްރާންޓްގެ ގޮތުގައި ދޫކުރުމަށް، 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދިޔަ މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުންދެއްވައި މެނިފެސްޓޯގައިވާގޮތަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އާޓިސްޓުންގެ ކުރެހުންތައް ވިއްކޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެމަނިކުފާނު ޙިއްޞާކުރެއްވި އެވެ.
އަދި ސަރުކާރުން އާޓިސްޓުންގެ ހުނަރު ތަރައްޤީކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެގޮތުން، މިއަންނަ އަހަރުން ފެށިގެން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ބަޖެޓުން އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގްރާންޓްގެ ގޮތުގައި ދޫކުރުމަށް، 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްޤީކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްޤީ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް މައުރަޒުތައް ބޭއްވޭނެ ގޮތްތައް ތަނަވަސްކޮށްދެއްވާނެކަމަށާއި، ބައިނަލްއަޤްވާމީ ފޯރަމް ތަކުގައިވެސް އާޓިސްޓުންގެ ހުނަރު ދެއްކުމަށް މިސަރުކާރުން މަގުފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”އަންވެއިލިންގ ވިޜަންސް 2024“ މައުރަޒަށް، އެކި ކުރެހުންތެރިން 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެއެވެ. އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ)އިން ބެއްލެވުމަށްފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.
ނޭޝަނަލް އާޓް ގެލަރީގައި، މިހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައި ވެއެވެ. ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ 7 ވަނަ އަހަރެވެ.
ރޭގެ ޙަފުލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ”ކެޓަލޮގް“ އެއް ވެދުމަށް އަރުވާފަ އެވެ. އަދި މިޙަފުލާގައި އެމަނިކުފާނު ވަނީ ”އަންވެއިލިންގ ވިޜަންސް 2024“ އަށް ޒިޔާރަތްކުރައްވާ ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.



