ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިޔަށްގެންދާ ޖޮއިންޓް ޓާސްކްފޯރސް އޮޕަރޭޝަނުގައި ރޭ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ލީޑް ކުރަމުން އަންނަ މި އޮަޕަރޭޝަނުގެ ތެރެއިން ރޭވަނީ ހުޅުމާލޭގެ 6 ތަނެއް ބަލައި ފާސްކޮށްފަ އެވެ. އިމިގްރޭޝަނުން ބުނީ ރޭ ހިންގި މި ރެއިޑްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 މީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށްގެންދާ އޮަޕަރޭޝަން މިހާރު ޚާއްސަކޮށްފައިވަނީ ވަގު ވިޔަފާރީގައި ޝާމިލުވާ ބޮޑުންތައް ހޯދުމަށެވެ. ފުލުހުންނާއި، ފޮރިން ލޭބަރ ރިލޭޝަނާއި، އިމިގްރޭޝަން ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ޓާސްކް ފޯރސްއިން ކުރިޔަށްގެންދާ މިއޮަޕަރޭޝަން ލީޑް ކުރަމުން ދަނީ އިމިގްރޭޝަނުންނެވެ.
މި އޮޕަރޭޝަނުގައި 50 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށް 100އަށް ވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ. މިއޮަޕަރޭޝަނުގައި ބަލާ ފާސްކުރަމުންދަނީ، މާލެ ސަރަަހައްދުގައި ހިންގާ މާރުކޭޓާއި، ރީޓެއިލް ފިހާރަތަކާއި، ޓޭކް އަވޭއާއި، ސްޕާއާއި، ކެފޭއާއި، ފަހާތަންތަނުގެ އިތުރުން މޯބައިލް ވިއްކާ ފިހާރަތަކެވެ. މިއީ، އާންމުކޮށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޝާމިލުވަމުން އަންނަ ވިޔަފާރިތަކެވެ. މި އޮޕަރޭޝަނުގައި ރީޓެއިލް ފިހާރަ ހިންގާ ނެޓްވޯކެއްގެ ބޮޑަކުވެސް އިމިގްރޭޝަނުން ހައްޔަރުކޮށްފައި ވެއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރާ އެއްވެސް މީހަކަށް އިތުރަށް ރާއްޖޭގައި އުޅުމުގެ ފުރުސަތު ނުދޭނެކަމަށާއި، ރާއްޖެއަށް އެނބުރި ނާދެވޭގޮތަށް އެންމެންވެސް ފޮނުވާލާނެކަމަށެވެ. އަދި، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާކަމަށް އައިޑެންޓިފައި ކުރެވިފައިވާ ފުދޭ ވަރަކަށް ގިނަ ތަންތަން ހުރުމާއެކު އޮޕަރޭޝަން ހުއްޓާނުލައި ސިލްސިލާގޮތެއްގައި ކުރިޔަށްގެންދާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ވަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާގުޅޭ މައްސަލަ އާންމުންނަށް 24 ގަޑީއިރު ރިޕޯޓް ކުރެވޭގޮތަށް ”އިމިގްރޭޝަން ވޮޗް“ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފަ އެވެ.




