ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރުގެ މިއަދާ ހަމައަށް 43 ޖަނަރޭޓަރު އަލަށް ގަނެވި އެކި ރަށް ރަށުގައި އިންސްޓޯލް ކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ހިއްސާކުރައްވަމުން އެކުންފުނީގެ ޑިރެކްޓަރު އަހްމަދު އިބްރާހިމް ވިދާޅުވީ، 2024 އަހަރާއި ކުރިމަތިލީއިރު އެކުންފުނިން ރަށްރަށުގައި ހިންގާ އިންޖީނުގެ ގެތަކުގެ ހާލަތު ރަނގަޅުކުރަން ޖެހިފައި ހުރި ކަމަށެވެ. އެގޮތުން، އެތަންތަނުގެ ކެޕޭސިޓީ އިތުރުކުރަން ޖެހި، ޖަނަރޭޓަރުތަކުގެ ހާލަތު ގޯސްވެ، އިންޖީނުތައް އޯވަރހޯލް ކުރަން ޖެހިފައި ހުރިކަމަށް އަހްމަދު ވިދާޅުވި އެވެ.
އެހެންކަމުން އާ މެނޭޖްމެންޓުގެ އަމާޒަކަށްވީ މިހާރު ހުރި އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް ފެނަކައިން ދެމުން އައި ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުން ކަމަށާއި، އެގޮތުން ކުރެވުނު މަސައްކަތުގެ ދަށުން މައްސަލަ ޖެހިފައިހުރި އިންޖީނުގެތަކަށް ބޭނުންވާ އާ އިންޖީނުތައް ހޯދުމުގެ މަސައްކަތް އަވަހަށް ފެށިކަމަށެވެ.
އަހްމަދު ވިދާޅުވީ، ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ޖެހޭ ރަށްރަށަށް އާ އިންޖީނު ހޯދުމަށް ކުރި މަސައްކަތުން 2024 އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 20 އާ އިންޖީނު ގަނެ ރަށްރަށުގައި އިންސްޓޯލް ކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިފައިވާކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އާއިރު، ޖުމްލަ 43 އާ ޖަނެރޭޓަރު ގަނެ، ރަށްރަށުގައި އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި، އާ އިންޖީނުތައް އިންސްޓޯލްކޮށް ކުރިން ބޭނުން ކުރަމުން އައި އިންޖީނުތައް އޯވަރހޯލްކޮށް، އެހެނިހެން އިންޖިނިއަރިންގް މަރާމާތާއެކު މިހާރު ވަރަށް ގިނަ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުވެ، ކެޕޭސިޓީ އިތުރުކުރެވި، ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިފައިވާކަމަށް އަހްމަދު ވިދާޅުވި އެވެ.
”އަޅުގަނޑު ދަންނަވާނީ، މިއަހަރުގެ މިހާތަނަށް ދިޔައިރު ކުންފުނީގެ ޖަނަރޭޓަރުތަކުގެ ހާލަތު ރަނގަޅު ކުރެވިއްޖެޔޭ. ޖެނެރޭޓަރުގެ ކެޕޭސިޓީ އިތުރުކުރެވިއްޖެޔޭ. އެހެންވީމައި،ވަރަށް ގިނަ ރަށްރަށެއްގެ ހާލަތު އަހަރު ފެށުނުއިރަށްވުރެ ރަނަގޅުވެފައި މިހާރު މިހިރީ. އަދި އެގޮތަށް މިހާރުވެސް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރަމުން މިދަނީ ޖަނަރޭޓަރުތައް އޯވަރހޯލް ކުރުމަށް ބޭނުންވާ ސްޕެއަރޕާޓްސް ހޯދުމަށް.“ އަހްމަދު ވިދާޅުވި އެވެ.
އަހްމަދު ވިދާޅުވީ، މިއަހަރު އަދި އިތުރު ޖަނަރޭޓަރުތައް ގަންނަންވެސް ކަނޑައަޅާފައިވާކަމަށާއި، އެ ޖަނަރޭޓަރުތައް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި، ދާއިމީ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފެނަކައިގެ ޚިދުމަތް ފޯރުކޮށްދެވޭނޭފަދަ ގޮތަކަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އަހްމަދު ވިދާޅުވި އެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 157 އިންޖީނުގެއެއް ގާއިމުކޮށް، ކަރަންޓުގެ ޚިދުމަތް ދެމުންނެވެ. މި ވަގުތު އެކުންފުންޏަށް ދިމާވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނައިރު، އެކުންފުންޏަކީ މުސްތަގުބަލުގައި ފައިދާގައި ހިންގާނެ ކުންފުންޏަކަށް ހައްދަވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.


