ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ފަށައިފި އެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި އިއްޔެ ފެށި މި ކޯހުގައި 48 އަންހެނުން އަދި 151 ފިރިހެނުން ހިމެނޭހެން ޖުމުލަ 199 ދަރިވަރުން ބައިވެރިވި އެވެ.
މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ. މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯސް ފެށުމަށް އިއްޔެ އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާން އެވެ. މި ރަސްމިއްޔާތުގައި، ކޮލެޖުގެ ފެކަލްޓީތަކުގެ ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާއި، ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވި އެވެ.




