މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ވަފްދުން، އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޗައިނާ ޓިއަންޔިންގ އިންކް(ސީއެންޓީވައި) އާ އެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ، ރާއްޖޭގެ ތިން ވަޒީރުން ހިމެނޭހެން ޗައިނާއަށް ވަޑައިގެން އުޅުއްވާ ދިވެހި ވަފްދުން ސީއެންޓީވައިގެ ޗެއަރމަން ޑރ. ޔެން ޝެންގޖުންއާއި އެކުންފުނީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި، ދެމެެހެއްޓެނި ތަރައްގީ ގެނައުމަށް މަގުފަހިކުރުމަށްޓަކައި ރާއްޖެއިން ކުރިޔަށްގެންދާ ކުނި މެނޭޖްމެންޓާއި، އެހެނިހެން އާބަން ޚިދުމަތްތަކުގެ މަޝްރޫއުތަކުގެ ކުރިއެރުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި، އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމާއެކު، އެ ދާއިރާއިން އިންވެސްޓް ކުރުމަށް ހުރި ފުުރުސަތުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަައިވެރިވަޑައިގެންނެވީ، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފިނޭންސް މިނިސްޓަރު ޑރ. އަހްމަދު ޝަފީގުގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. މިނިސްޓަރުންގެ އަރިހުގައި ސަރުކާރުގެ އިސް ވަފްދެއްވެސް ބައިވެރިވަޑައިގަންނެވި އެވެ.
ޓިއަންޔިންގް އެކު ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޭޔޫ) އެއްގައި ސޮއިވެސް ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރުމުގެ އިތުރުން، ސީއެންޓީވައި އިން އެ ކުންފުނީގެ ސިނާޢީ އަދި ޓެކްނޮލޮޖީ ގާބިލުކަން ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް އެހީވުން ހިމެނެއެވެ.
ދިވެހި ވަފްދުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، ޗައިނާގެ މެމްބަރ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީ.ޕީ.ސީ ސެންޓްރަލް ކޮމިޓީ، ޑިރެކްޓަރ އޮފް ދަ އޮފީސް އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ވަންގ ޔީގެ ދައުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.
މިމަހުގެ 19 އިން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މި ވަފްދުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި، މިއަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ނަތީޖާގެ ކުރިއެރުންތައް މުރާޖައާކުރައްވައި، ދެގައުމުގެ ޝައުގުވެރިކަން ހުރި މުހިންމު ބައެއް ދާއިރާތަކާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި، މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައި ދެގައުމުގެ ގުުޅުން ބަދަހި ކުރުމަށް ރަސްމީ މަޝްވަރާ ކުރައްވާއިރު، ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގައި ޝާމިލުވާ ޗައިނާގެ މައި ކުން ފުނިތަކާވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.




