މާލެ ސިޓީ، އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައަކާއި ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑެއް މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ތަޅާލި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި މައްސަލައާ ގުޅުންހުރި މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އިއްޔެ ފުލުހުން ބުނެފައި ވެއެވެ.
އެ މައްސަަލައިގައި މިއަދު ފުލުހުން ބުނެފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. މި މައްސަލައިގެ އިތުރު ތަފުސީލެއް އަދި އެމީހާއާ ބެހޭ އިތުރު ތަފުސީލެއްވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެރޭ ވެސް ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިގެން، ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންނަމަވެސް އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލްއާންމުތަކާއި ގުޅިގެން، އިޒްރޭލުގެ އުފެއްދުންތަކާއި، އިސްރޭލަށް ވާގިވެރިވެދޭ ގައުމުތަކަށް ނިސްބަތްވާ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ދުނިޔޭގެ ގައުމުތަކުން ގޮލަމުންދާއިރު، ރާއްޖޭގައިވެސް ބައެއް ފަރާތްތަކުން ދަނީ މިކަމަށް ތާއީދުކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި ހިންގާ “ކޭއެފްސީ” ބޮއިކޮޓްކޮށް އެ ފްރެންޗައިސްގެ ދަށުން ހިންގާ ތަންތަން ބަންދު ކުރަން ބަޔަކު މީހުން މުޒާހަރާވެސް ކޮށްފައި ވެއެވެ. އަދި، ސޯޝަލް މީޑިއާގެ އެކި މަންސަތަކުަގައި އެތަން ބަންދުކުރުމަށް ގޮވާލާ މެސެޖުތައްވެސް ދަނީ ހިއްސާ ކުރަމުންނެވެ. އެހެންނަމަވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލާފައި މިވަނީ އެކަމުގައި ޝާމިލުވާ މީހުންކަމެއް އަދި ސާފެއް ނުވެއެވެ.



