އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކާނާ ވިހަވެ އައްޑޫ އިކުއެޓޯއަރިއަލް ހޮސްޕިޓަލް(އޭއީއެޗް) ގައި ފަރުވާ ދެމުން އަންނަ ދެ ދަރިވަރުންގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަކަމަށް ފުލުހުންގެ ޚިދުަމަތުން ބުނެފި އެވެ.
ކޮލެޖުގައި ހިނގި ކާނާ ވިހަވި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު އޭއީއެޗްގައި އެނދުމަތި ކުރަން ޖެހުނުއިރު، އޭގެ ތެރެއިން 5 ދަރިވަރެއްގެ ހާލަު ދެރަވެ އިންޓެންސިވް ކެއަރ ޔުނިޓް(އިސީޔޫ)ގައި ފަރުވާދޭން ޖެހުނެވެ. އޭގެ ތެރެއިން 3 ދަރިވަރަކު ރަނގަޅުވެގެން ދޫކޮށްލާފައިވާއިރު، ބާކީ ތިބި ދެކުދިންގެ ތެރެއިން، އެއް ދަރިވަރަކު ވޯޑަށް ބަދަލުކުރީ ހުކުރު ދުވަހުއެވެ. އަނެއް ދަރިވަރު މިއަދު ވޯޑަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ދެ ދަރިވަރުންގެ ސިއްހީ ހާލަތުވެސް ރަނގަޅުވަމުން އަންނަކަމަށެވެ.
ޕޮލިސް ކޮލެޖުގެ ދަރިވަރުން ކާނާ ވިހަވި ސަބަބު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ އެ ހާދިސާގެ އަސްލު ސަބަބު ދެނެގަނެވޭނީ، އެ ދަރިވަރުންގެ ތަހުލީލު ރިޕޯޓްތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.
ކާނާ ވިހަވި ހާދިސާއަށްފަހު، ކޮލެޖު އާންމު ހާލަތަކަށް އާދެވި، އިއްޔެ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ފަށާފަ އެވެ. މި ތަމްރީނުގައި 199 ދަރިވަރުން ބައިވެރިވެއެވެ.



