އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އާއި ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމަށް ލިބިއްޖެ އެވެ.
މި ދެ އެތުލީޓުންނާއި ދިވެހި ދިދަ ހަވާލުކޮށްދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިއީ، ރާއްޖޭގެ ބޭރު ގައުމެއްގައި ބާއްވާ ކުޅިވަރު މުބާރާތެއްގައި ދީމާ ދިވެހި ދިދަ އުފުލާލާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ދީމާ ދިވެހި ދިދަ އުފުލާފައިވަނީ، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ނިންމުމުގެ ރަސްމިއްޔާތާއި، މިިދިޔަ އަހަރުގެ އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އުމުރުން 16 އަހަރުގެ ދީމާއަކީ، ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް، އޮލިމްޕިކްސް ގޭމްސް އިން ޖާގަ ހޯދި ދިވެހި ފުރަތަމަ އެތުލީޓުގެ އިތުރުން އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ.
އުބައިދުﷲ އަށް މިއީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެއްގައި ދިވެހި ދިދަ އުފުލާލުމުގެ ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ. އަދި، މިއީ އޮލިމްޕިކްސް މުބާރާތުގައި ވެސް އުބައިދުﷲ އަށް ވާދަކުރަން ލިބުނު ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން 4 ކުޅިވަރަކުން ޖުމްލަ ފަސް އެތުލީޓުން ވާދަ ކުރާނެއެވެ. އެއީ ދީމާ އާއި އިބާދުﷲގެ އިތުރުން، ބެޑްމިންޓަނުން ފާތިމަތު ނަބާހާ، އަދި ފެތުމުން އައިޝާތު އުލްލާ ޝާއިގް އާއި، މަހައްމަދު އާން ހުސައިނެވެ.
މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ ”ޕެރިސް 2024 އޮލިމްޕިކްސް“ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.



