މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ފަޔަރ ފައިޓަރުން ތަމްރީންކުރުމުގެ ކޯހެއް މިއަދު ފަށައިފި އެވެ.
އެމްއޭސީއެލްއިން މިއަދު ފެށި ބޭސިކް ފަޔަރ ފައިޓަރ ކޯހަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ހިންގަން ހުއްދަ ދީފައިވާ ކޯހެކެވެ.
މިއީ، އެކުންފުނިން ހިންގާ މިކޯހުގެ 29 ވަނަ ބެޗެވެ. މި ބެޗުގައި 12 ފަޔަރ ފައިޓަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
މި ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އަށް ޖައްސާ އެއަރ ކްރާފްޓެއްގައި އަލިފާނުގެ ކުއްލި ހާދިސާއެއް ނުވަތަ އެއާޕޯޓްގެ ދިމާވެދާނެ ކުއްލި ހާލަތެއްފައި ފަޔަރ ފައިޓަރުން އަމަލު ކުރާނެ އަދި ހަރަކާތްތެރިވާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ކޯހެކެވެ.
ވީއައިއޭގައި މި މަހުގެ ކުރީ ކޮޅު ވަނީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އާ ފަޔަރ ސްޓޭޝަނެއްވެސް ހުޅުވާފަ އެވެ. ވީއައިއޭގައި މިވަގުތު 2 ފަޔަރ ސްޓޭޝަން ހިންގަމުން އަންނައިރު، އެ ސްޓޭޝަންތަކުގައި އަންހެން ފަޔަފައިޓަރުންވެސް ހަރަކާތްތެރިވެއެވެ. ފަޔަރ ފައިޓަރުންނަށް ފަންނީ ތައުލީމާއި އަމަލީ ތަޖުރިބާ ހޯދައިދިނުމަށް އިސްކަމެއް ދެއްވާކަމަށް އެމްއޭސީއެލްގެ މެނޭޖްމެންޓުން ބުނެފައި ވެއެވެ.



