އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދާ ”މީޑިއާ މައުރަޒު“ މިއަދު އާންމުނަށް ހުޅުވާލައިފި އެވެ.
މީޑިއާ މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ހިއްސާކުރުމަށްޓަކައި ކުރިޔަށްގެންދާ މައުރަޒެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ހެނދުނު 09:00 އިން ފެށިގެން ހަވީރު 06:00އާ ހަމަޔަށް އާންމުންނަށް މައުރަޒު ހުޅުވާލާފައިވާކަމަށެވެ.
އިއްޔެ ފެށި މި މައުރަޒު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މައުރަޒުގައި އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކާއި، އެ މިނިސްޓްރީގެ ދަށުން ހިންގާ އެކި އިދާރާތަކުގެ ސްޓޯލްތައް ގާއިމުކޮށްފައިވާއިރު، އެސްޓޯލްތަކުން އެ ސެކްޝަންތަކާއި، އިދާރާތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ލިބޭނެ އިންތިޒާމު އެ ސްޓޯލްތަކުގައި ހަމަޖައްސާފަ އެވެ.



