މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އާއި، ޔޫއެން ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑެވެލޮޕްމެންޓް(ޔޫއެންޓީޑީސީ) އާ ގުޅިގެން ކުރިޔަށްގެންދާ މޮޑާން ޕޯޓް މެނޭޖްމެންޓް ޕްރޮގްރާމްގެ ތިންވަނަ ބުރު ފަށައިފި އެވެ.
ޒަމާނީ ބަނދަރުތައް ހިންގައި ބެލެއްހެޓުމަށް ޕޯޓްގައި ޚިދުމަތް ދޭ މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގާ ”ޓްރެއިން ފޮރ ޓްރޭޑް މޮޑާން ޕޯޓް މެނޭޖްމެންޓް ޕްރޮގްރާމް“ އަކީ، 18 މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ބަނދަރުތަކާއި ގުޅުންހުރި އިދާރާތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީއާއި މެނޭޖްމަންޓް އެފިޝަންސީ ހަރުދަނާކުރުމާއި، ބަނދަރު ހިންގުމުގައި މުޖުތަމަޢުގެ ބައިވެރިވުމާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް ކުރިއެރުވުމާއި، ބަނދަރުތަކުގެ ވާދަވެރިކަމާއި އެތަންތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި، ބަނދަރުތައް ތިމާވެށްޓާއި ރަށްޓެހިގޮތަކަށް ދެމެހެއްޓެނިވިގޮތެއްގައި ހިންގޭނެގޮތަަކަށް ބައްޓަން ކުރުމާއި، ބަނދަރުތަކުގެ އާންމު އިޖުތިމާޢީ ޒިންމާ ރަނގަޅުކުރުމެވެ.
އެގޮތުގެ މަތިން، މި ޕްރޮގްރާމްގެ ތެރެއިން، ބަނދަރު ހިންގާ ފަރާތްތަކުގެ މެދުގައި ޢިލްމާއި ތަޖުރިބާ ހިއްސާކުރެވި، ބަނދަރު ހިންގާފަރާތްތަކުގެ ހިންގުމުގެ ހުނަރާއި، އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމުގެ ކަންކަން ދަސްކޮށްދެވޭނެއެވެ.
އިއްޔެ ވަނީ މި ޕްރޮގްރާމްގެ ތިންވަނަ ބުރު މާލޭގައި ފަށައި، އަދި ފުރަތަމަ މޮޑިއުލް ކިޔަވައިދޭން ފަށާފަ އެވެ. ފުރަތަމަ މޮޑިއުލްގައި ކިޔަވައިދެނީ ބައިނަލްއަގުވާމީ ވިޔަފާރިއާއި މެރިޓައިމް ޓްރާންސްޕޯޓާއި ބެހޭ ގޮތުންނެވެ. މި މޮޑިއުލްގެ މުދައްރިބުންނަކީ ޔޫއެންޓީޑީސީގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރު ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރު ޖޯ ހައިން އެވެ.
މިފަހަރުގެ ޕްރޮގްރާމްގައި، އެމްޕީއެލްއާއި އިމިގްރޭޝަންއާއި އެމްއެސްއެސް މިޑްމެނޭޖްމެންޓްގެ މުވައްޒަފުން ހިމެނޭހެން 20 މުވައްޒަފުން ބައިވެރިވި އެވެ.
މި ކޯސް ފެށުމުގެ ގޮތުން އިއްޔެ އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް، މޯލްޑިވްސް ސްޓޭޓް ޝިޕިންގ(އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަރީފް އަދި މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން ބައިވެރި ވަޑައިގެންނެވި އެވެ.



