ރާއްޖޭގެ މާކެޓްތަކުގައި ބޭހުގެ ބާވަތްތަކަކުން ތަޣައްޔަރުކޮށްފައިވާ މާމުއި ތަކެއް ދައުރުވަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން ހާމަކޮށްފި އެވެ.
އެއިދާރާއިން މިކަމާއި ގޫޅޭގޮތުން މިއަދު އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި، ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ވިއްކަމުންދާ މާމުއިގައި ބޭހުގެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް ހިމެނޭކަން އެ އޮތޯރިޓީއަށް ވަނީ ފާހަނގަވެފައިވާކަމަށެވެ. އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައުވާގޮތުގައި ބޭހުގެ ބާވަތެއް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ މާމުއިގެ ދެ ބާވަތަކީ، ބްލެކް ހޯސް ވައިޓް ހަނީ ބްރޭންޑާއި، އެޓްލެކްސް ރޯޔަލް ފޮރ ހިމް ނަމަކަށް ކިޔާ މާމުއި އެކެވެ.
އެމްއެފްޑީއޭއިން ބުނެފައިވަނީ މިފަދަ އުުފެއްދުންތަކަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެސް ރައްކާތެރި ނޫންކަމަށް ފާހަނގަކޮށްފައިވާ އުފެއްދުންތަކެއްކަމަށެވެ. އަދި، ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުންކުރުމަކީ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތުގައި ފުރާނަޔަށް ނުރައްކާވެދާނެފަދަ ކަމެއްގެ ގޮތުގައި އެމްއެފްޑީއޭއިން ފާހަނގަކޮށްފައި ވެއެވެ.
އެހެންކަމުން މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކަށް ރައްޔިތުން ސަލާމަތްކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓްކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއްކަމަށް އެމްއެންޑީއޭއިން ބުންޏެވެ.
މިކަމާއި ގުޅިގެން މީގެކުރިން 12 ސެޕްޓެމްބަރ 2022 ގައި ވެސް އާންމުންގެ ސަމާލުކަމަށް މިކަން ގެނެސްފައިވާނެކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ. އަދި މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެއިދާރާއިން އެދިފައި ވެއެވެ.



