ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ކަނބަލަކު އައްޔަންކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ، ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ އެވެ. ދިޔާނާ އެމަގާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.
ދިޔާނާއަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ މަގާމުގެ ލިޔުން ހަވާލު ކުރައްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށް ޚާސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ދިޔާނާ، މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގަ އެވެ. މީގެ ފަސް މަސް ކުރިން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް ދިޔާނާ އައްޔަނު ކުރެވުނީ، ޑެޕިއުޓީ ޗީފް ސުޕްރިޑެންޓެންޓްގެ މަގާމުގައި ހުންނަވަނިކޮށްނެވެ.
ދިޔާނާވެފައި މިވަނީ ކަސްޓަމްސްވެ 134 ވީ ދިގު ތާރީޚުގައި އެ އިދާރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވަން ފުރުސަތު ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އަށެވެ.
ދިޔާނާ ވަނީ ކަސްޓަމްސްއަށް މިދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އެކި ރޭންކުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފަ އެވެ.
މީގެ ކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވީ ގ.އަތަ އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދު ، މިއަދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ބަދަލުކުރައްވާފަ އެވެ.



