މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލިހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސްކޮށްފައިވަނީ 63 މެމްބަރުންގެ ތާއީދާއެކުގަ އެވެ. އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުނެނެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް، ގަވަރުނަރު ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަަށެވެ. މިހާތަނަށް ރައީސް މިފަދަ ނިންމެވުމެއް ނިންމަވާފައެއް ނުވެއެވެ.
ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދިނުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ހާޝިމް މަގާމުން ވަކި ކުރަން ލަފާ އަރުވަން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާކަމަށް ބުނެއެވެ.
މި މައްސަލަ ކޮމިޓީން ދިރާސާކުރަމުން ދިޔައިރު، އެކޮމިޓީއަށް ހާޒިރުވުމަށް ދެއްވި ތިން ފުރުސަތުގައި ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ލިޔުމުން ޖަވާބުދެއްވާފައި ވެއެވެ. ކޮމިޓީއަށް ގަވަރުނަރު ފޮނުއްވި ސިޓީފުޅުގައި ވަނީ، އެމަނިކުފާނާއި ގޫޅޭގޮތުން ކޮމިޓީން ބަޔާންކޮށްފައިވާ އެންމެހައި ކަމަކަށް އިންކާރު ކުރައްވާފަ އެވެ.



