މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައި މިހާރު ހުންނެވި، މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރުމާމެދު މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީ، މަޖިލީހުގެ ތަޅުމުގައި މިއަދު އަޑު އިއްވުމަށްފަހު، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ،
މުނައްވަރު ގަވަރުނަރުކަމުގެ މަގާމަށް ހަމަޖެއްސުމާމެދު މަޖިލީހުގެ މަޝްވަރާއަކަށް ރައީސް އެދިވަޑައިގެންފައިވާއިރު، އެމަގާމުގައި ހުންނެވި އަލީ ހާޝިމް އިއްޔެ ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އޭނާ މަގާމުން ވަކިކުރެއްވީ، އެކަމަށް ރައްޔިތުންގެ މަޖިލީހުން އެރުވި ލަފައާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުން ރައީސްއަށް ލިބިގެންވާ ބާރާއި އިޚުތިޔާރުގެ ދަށުންނެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި މުނައްވަރު އައްޔަންކުރައްވާފައިވަނީ، ޑިސެމްބަރު 12, 2023 ގަ އެވެ.


