ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މ. މުލަކުގައި އޮޕަރޭޝަނެއް ހިންގައިފި އެވެ.
މި މަހުގެ 15 އިން 19 އަށް މ. އަތޮޅު ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ކުށްތަކަށް މަގުފަހިވާގޮތަށް ހުރި ތަންތަނާއި ތުހުމަތުކުރެވޭ މީހުން ބަލައިފާސްކޮށްފައިވެއެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުން އާންމުންގެ 80 މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތާއި ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުން ކުރާނެ ގޮތާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
މި އޮޕަރޭޝަންގައި، އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް ގާނޫނާ އެއްގޮތަށް އުޅަނދު ދުއްވުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. އަދި އުޅަނދުގެ އަހަރީފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ބުނެދީ ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށް އިލްތިމާސްކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
”މި ހަރަކާތުގައި މުލަކުގެ ގިނަބަޔަކާ ވާހަކަދެކެވި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވޭ.“ ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންދަނީ އެރަށްރަށުގެ ރައްޔިތުންނާއި، ސްކޫލު ދަރިވަރުންނާއި މުއައްސަސާތަކުގެ މުއައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ތަފާތު އެކިއެކި ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންނެވެ.




