މައުލޫމާތު ހާމަނުކޮށްގެން ރައީސް އޮފީހުގެ މައްސަލަ ބަލައިދިނުމަށް އެދި, އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ އަމަލެއް ހިމެނޭތޯ ބަލަން ތަހުޤީޤުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޝިފާން އަޙްމަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުން އިސްތިއުނާފު ނުކުރައްވައި، އަދި އެ ނިންމެވުމަށް ޢަމަލުވެސް ނުކުރައްވައި 45 ދުވަސް ފާއިތުވެފައިވާތީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން އެ އޮފީހުން މައްސަލައިގެ ލިޔުންތަކާއެކު ޕީޖީ އޮފީހަށް ހުށަހަޅުއްވާފައި ވާކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާ (ޖިނާއީ ކުށް ތަޙްޤީޤުކުރުން) ގެ (ހ) ގައި އޮންނަނީ، ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެކަމަށެވެ. މިމާއްދާގައި، ތަޙްޤީޤުކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ގޮތަށް، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް، ޤާނޫނީ ގޮތުން ލިބިދޭ ޙައްޤުތައް ލިބިދީގެން ހިންގާ ތަޙްޤީޤެކެވެ. އެ ތަޙްޤީޤު ހިންގުމުގެ ބާރު، ޤާނޫނީ ގޮތުން ލިބިދެނީ ދިވެހި ފުލުހުންގެ ޚިދުމަތަށެވެ.
މި މާއްދާއަށް ރިއާޔަތްކޮށް، އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި، ޤާނޫނުގައިވާ ގޮތުގެ މަތިން ތަޙްޤީޤު ކޮށް، ތަޙްޤީޤުގެ ހޯދުންތަކާއެކު ޕީޖީ އޮފީހަށް ފޮނުއްވައި ދިނުމަށް އެދި، މިއަދު، ދިވެހި ފުލުހުންގެ ޚިދުމަތުގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، ޢާންމު މައްސަލަތަކާ ޚިލާފަށް، މިމައްސަލަ ކުރިއަށްދާ ގޮތް ބަލަމުން ދިއުމަކީ އެ އޮފީހުން ކުރަންޖެހޭނެ ކަމެއްކަމަށް ފެންނާތީ، އެ ތަޙްޤީޤު ހިނގާގޮތް ގާތުން ބަލަމުންދާނެކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަޙްޤީޤުގެ ހޯދުންތަކަށް ބަލައި، އެކަމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އިޖުރާއަތުތަކުގެ ތެރެއިންކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.




