ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރ(އައިކޮމް) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ކުރީ ސަރުކާރުން މައުލޫމާތު ނުދީގެން ހުށަހަޅުއްވާފައިވާ މައްސަލައެއްކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ މިހެން މިކަން ސާފުކޮށްދެއްވާފައި މިވަނީ، މިސަރުކާރާއި ދެކޮޅަށް އައިކޮމްއިން ހުށަހެޅުއްވި މައްސަލައެއް ޕީޖީ އޮފީހުން މިއަދު ތަހުގީކުރުމަށް ފުލުހަށް ހުށަހެޅުމާއި ގުޅިގެން މި މައްސަލައަކީ މި ސަރުކާރުގެ މައްސަލައެއްކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާތީ އެވެ.
މި މައްސަލަ ސާފުކޮށްދެއްވަމުން ރަސްމީ އެކްސް އެކައުންޓުގައި ހީނާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައިޓް ޓު އިންފޮމޭޝަން(އާރްޓީއައި) ގެ ދަށުން، ރައީސް އޮފީހުން މަޢުލޫމާތު ނުދީގެން، ޖިނާއީ ދަޢުވާކޮށްދެއްވުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫންކަމަށެވެ. އަދި އެ މައްސަލައަކީ، މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މަޢުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މަޢުލޫމާތު ނުދީ އޮތް މައްސަލައެއްކަމަށް ހީނާ ވިދާޅުވެފައި ވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޝިފާން އަޙްމަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުން އިސްތިއުނާފު ނުކުރައްވައި، އަދި އެ ނިންމެވުމަށް ޢަމަލުވެސް ނުކުރައްވައި 45 ދުވަސް ފާއިތުވެފައިވާތީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން އެ އޮފީހުން މައްސަލައިގެ ލިޔުންތަކާއެކު ޕީޖީ އޮފީހަށް ހުށަހަޅާފައިވާކަން ޕީޖީ އޮފީހުން ހާމަކޮށްފައި ވަނީ އިއްޔެއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި، ޤާނޫނުގައިވާ ގޮތުގެ މަތިން ތަޙްޤީޤު ކޮށް، ތަޙްޤީޤުގެ ހޯދުންތަކާއެކު ޕީޖީ އޮފީހަށް ފޮނުއްވައި ދިނުމަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ޕީޖީ އޮފީހުން މިއަދު ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، ޢާންމު މައްސަލަތަކާ ޚިލާފަށް، މިމައްސަލަ ކުރިއަށްދާ ގޮތް ބަލަމުން ދިއުމަކީ އެ އޮފީހުން ކުރަންޖެހޭނެ ކަމެއްކަމަށް ފެންނާތީ، އެ ތަޙްޤީޤު ހިނގާގޮތް ގާތުން ބަލަމުންދާނެކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަޙްޤީޤުގެ ހޯދުންތަކަށް ބަލައި، އެކަމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އިޖުރާއަތުތަކުގެ ތެރެއިންކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.



