މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ބޭނުންވާ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)އާ އެވެ.
ފީޒިބިލިޓީ ހެދުމުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި މިއަދު ވަނީ ދިވެހި ސަރުކާރާއި އެކުންފުންޏާ ދެމެދު ސޮއިކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން، ލެޓަރ އޮފް އެކްސްޗޭންޖްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް ސޮއިކުރެއްވިއިރު ސިޑްކާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން ލުއޯ ޖާއޮހުއި އެވެ. މި މަޝްރޫއަކީ ސިޑްކާގެ އެހީގައި ކުރިޔަށްގެންދަން އެއްބަސްވެފައިވާ މަޝްރޫއެކެވެ.
“ލެޓާސް އޮފް އެކްސްޗޭންޖް” ގައި ސޮއިކުރައްވާފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވަމުން ގެެންދަވާ ދަތުރުފުޅުގެ ތެރެއިން ސިޑްކާގެ ޗެއަރމަންއާއެކު ބޭއްވެވި ބައްދަލުމަށްފަހު ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ. މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޒަމީރުގެ އިތުރުން، މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުޙައްމަދު ޝަފީޤު އާއި، ދިވެހިރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް ގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ބޭޖިންގ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.



