ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަންގްލަދޭޝް ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފި އެވެ.
ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ހާލަތާއި ގުޅޭގޮތުން، އެ މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެގައުމުގެ ސަރުކާރާއެކު ވާހަކަ ދައްކަމުން އަންނަކަމަށާއި، އަދި ވަރަށް ގާތުން މިކަމުގައި ދެގައުމުގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި ކުރެވޭ މަސައްކަތުގެ ދަށުން މިއަދު ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ.
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން، މިވަގުތު ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ވެރިރަށް ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލުބަލަމުންނެވެ. މި ދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ، ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން އައި ދަރިވަރަކު އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު އެހެން ސަރަޙައްދަކަށް ބަދަލު ކޮށްފައިވާކަމަށެވެ. އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެ، ހަމަޖައްސައިދެމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައި ވެއެވެ.
މިވަގުތު ބަންގްލަދޭޝުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި، ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މި މިނިސްޓްރީއިން ވަނީ އަނެއްކާވެސް ކޮށްފައެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން އެދިފައި ވެއެވެ.



