ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
އިއްޔެ, ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން އުޅަނދު ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އިއްޔެ ވަނީ ނަގާފަ އެވެ.
ފުލުހުން ބުނީ، ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެކަމަަށް ފުލުހުން ބުނެފައި ވެއެވެ.




