އައްޑޫ ސިޓީއަށް ކަރަންޓް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަަށް މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމުގައިވާ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ އަކީ 30،000އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އާާބާދީއަކަށް ވީހިނދު، އެ ސިޓީއަށް ކަރަންޓް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާތީއާއި، ސަރުކާރުން އައްޑޫ ސިޓީއަށް އިހުމާލުވަމުން ދިއުމުގެ ސަބަބުން އެސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތައް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ހިނދު، އަޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމުންވެސް ސަރުކާރުން ނުކުުޅެދިފައިވާކަމަށެވެ. އަދި، ތަކުރާރުކޮށް ”ނިވި ދިއްލޭ“ ބޮއްކެއްހެން އެރަށްތަކުގެ ކަރަންޓް ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހި، ރަށުގެ ސްކޫލްތަކުންނާއި، އޮފީސްތަކުންނާއި، ފިހާރަތަކުން ދޭންޖެހޭ އާންމު ޚިދުމަތް ރައްޔިތުންނަށް ނުދެވި އައްޑޫ ރައްޔިތުން ގޭގޭގައި ގެންގުޅޭ އަގު ބޮޑު ކަރަންޓް ސާމާނު ހަލާކުވަމުންދާތީ މިކަމުގައި އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އިރު، މީގެ 6 ވަރަކަށް ދުވަސް ކުރިން މ. މުލީން ކަރަންޓް ކެނޑިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށްފައިވާ ފަދައިން، ކަރަންޓުގެ ޚިދުމަތް ފަދަ އަސާސީ ހައްގެއް ދިނުމަށް ދިހު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށްވެސް އެކަމުގެ އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެފައިވާ ވީހިނދު، މިއީ، މަޖިލީހުގެ ކަންބޮޑުވުންވެސް އިންތިހާއެއް އޮތް މައްސަލައެއްކަމަށެވެ.
ކުއްލި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، ޔުޓިލިޓީ އޮތޯރިޓީގެ ގާނޫނުގެ މަފްހޫމަކީވެސް އާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ދިވެހި ރާއްޖޭގެ ދިރިއުޅޭ އެންމެންނަށް ހަރުދަނާ އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމާއި، އާންމު ބޭނުންތަކުގެ ޚިދުމަތަކީ، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރެއްގައި ދެވޭ ޚިދުމަތަކަށް، އެފަދަ ޚިދުމަތްތައް ސަރުކާރުން ހެދުމަކަށް ވީ ހިނދު ސަރުކާރުން މަފްހޫމް އެގޮތަށް އަމަލު ކުރަމުން ނުދާތީއާއި ، ދިވެހި ރާއްޖޭގެ ހަކަތައިގެ ގާނޫނުގައި ލާޒިމްކޮށްފައިވާ ފަދަައިން ކަރަންޓް ކަނޑާލުމުގެ ކުރިން ދޭންޖެހޭ ނޯޓިސްވެސް ރައްޔިތުންނަށް ދިނުމަކާއި ނުލައި،އެތަކެއް ގަޑި އިރަކު ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ކަރަންޓްގެ ޚިދުމަތް ކެނޑެމުން ދާތީ މިސަރުކާރުން އުމްރާނީ ތަރައްގީ އާއި އަދި އިންސާނީ ތަރައްގީ އަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަނގަކޮށްފައިވާކަމަށެވެ. އަދި، އެކަމަށް ބޭނުންވާ އެއްވެސް ސިޔާސަތެއްވެސް އެކުލަވާލާ ތަންފީޒްކުރަމުން ނުދާކަން ފާހަނގަކޮށް، އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ، އަދި އައްޑޫ ސިޓީއަށް ކަރަންޓް ފޯރުކޮށްދެމުންދާ އިންޖީނުތަކަށް ބޭނުންވާ މަރާމާތުގެ ސާމާނު އެއްވެސް މިންވަރަކަށް މި ފާއިތުވެދިޔަ 7 މަސްދުވަސް ތެރޭގައި ސަރުކާރުން އައްޑޫ ސިޓީއަށް ފޯރުކޮށްދީފައި ނުވާތީއާއި، މިކަމުގައި ރައްޔިތުންނަށް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައި ނުވާތީއާއި، އައްޑޫ ސިޓީގެ ރައްޔިތުން ދިރިއުޅެމުންދާ ހާސްކަމާއި އަދި އުނދަގުލަކީ، އެއްވެސް ހާލަތެއްގައި މަޖިލީހަށް ބަލަައި ނުގަނެވޭނެކަމަކަމަށެވެ. އަދި، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ އެންވަޔަރަންމަންޓް މިނިސްޓަރު އަހްމަދު ޠާރިގްގެ ގާނޫނީ ޒިންމާއަކަށްވާއިރުމ އެ ޒިންމާ ވަގުތުން ވަގުތަށް އަދާކުރުމަށް މިނިސްޓަރަށް ގޮވާލާފައި ވެއެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލަައިގަނެ ބަހުސް ކުރުމަށް ވޯޓަށް އެހުމުން ޖަލްސާގައި ބައިވެރި ވަޑައިގެންނެވި 60 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ މި މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވޯޓް ދެއްވާފަ އެވެ. މިގޮތަށް ފާސްވުމާއެކު މިހާރު ދަނީ މި މައްސަލައަށް ބަހުސް ކުރަމުންނެވެ. މަޖިލީހުން ވަކިގޮތެއް ކަނޑަނާޅާ ހިނދަކު މަދުވެގެން އެއްގަޑިއިރަށްވުރެ ދިގު ނުވާގޮތެއްގެ މަތިން މައްސަލައަށް ބަހުސްކުރާނެއެވެ.




