ހދ. ކުމުންދޫގައި ސަރުކާރުން ކުރިޔަށް ގެންދިޔަ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫއު ނިންމާ ޚިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ) އިން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ނިންމައި، އެ ނިޒާމު ކާމިޔާބުކަމާއެކު ޓެސްޓުކޮށް މިހާރު ކޮމިޝަންކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، އެމްޑަބްލިއުއެސްސީން ވަނީ، ކުމުންދޫގައި 14 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމްކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތެއް އަޅައި، ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެޓުމުގެ އިތުރުން، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓާފަ އެވެ. އަދި، ގޭގޭގައި ފެންމީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ އެމްޑަބްލިއުއެސްސީން މީގެ ކުރިން ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ތެރެއިން، ކުރި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ގާއިމުކޮށް، 2.4 ކިލޯ މީޓަރގެ ޕަންޕިން ލައިނެއްވަނީ އަޅާފަ އެވެ. މީގެއިތުރުން 5 ޕަންޕިންގ ސްޓޭޝަން ބަހައްޓައި، 1 ސީ އައުޓް ފޯލް ގާއިމްކޮށް، ގެތަކުގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.
މިއީ، ސަރުކާރުން 102 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ.



