ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު، ރައްޔިތުން ކަރަންޓާނުލާ ދިރިއުޅެން ދަސްކުރަން ޖެހޭނެކަމަށް ވިދާޅުވެފައިވާކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އެބޭފުޅާ ދޮގުކުރައްވައިފި އެވެ.
މުއާޒް މިހެން ވިދާޅުވި ކަމަށް ބުނެ، ޕޯސްޓެއް ހަދައިގެން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ މައްސަލައިގައި މުއާޒް ވިދާޅުވީ އެ ފަތުރަމުންދަނީ ކަނޑައެޅިގެން ބުހުތާން ދޮގެއް ކަމަށާއި، އެމަނިކުފާނު އަމިއްލަފުޅަށް މީޑިއާއަކަށްވެސް މައުލޫމާތު ދީފައި ނުވާނެކަމަށާއި އަދި އެއްވެސް ފޯރަމެއްގައިވެސް އެ ބީދައިން ވާހަކަފުޅު ދައްކަވާފައި ނުވާނެކަމަށެވެ. އަދި، ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމަށް މަތި ކުރެވިފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އެނގިވަޑައިގަންނަވާކަމަށާއި، ޒިންމާއިން ބަރިއްޔަވުމަށް އެއްވެސް ހާލެއްގައި ބަހަނާ ދައްކައިގެން ރައްޔިތުންނާއި ގުޅިގެން އެފަދަ ވާހަކައެއް ނުދައްކަވާނެކަމަށް ވިދާޅުވި އެވެ. އަދި މިވަގުތު ފެނަކައާއި ގުޅުވައިގެން ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފެނަކައިގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ޚަބަރާއި މައުލޫމާތު ފަތުރަމުންދަނީ ސަރުކާރާއި، ފެނަކައާއި، ޚުދު އެމަނިކުފާނުގެ އަގުވައްޓާލައި އަބުރު ކަތިލައި، ވަކި މަގުސަދެއް ހާސިލު ކުރުމަށް ބަޔަކު އަޑީގައި ތިބެ ރާވާ ހިންގަމުންދާ އަމަލެއްގެ ގޮތުގައި މުއާޒު ސިފަ ކުރެއްވި އެވެ.
”ހަގީގަތުގައި އެ ދައްކަނީ ދޮގު ވާހަކަތަކެއް. ޕޯސްޓްގައި އެއޮތީ އަޅުގަނޑު ބުނި އެއްޗެއް ނޫން. ރައްޔިތުންނަށްވެސް އެކަން އިނގޭނެ. މިއީ، އެމީހުން ވަކި މަގްސަދެއް ހާސިލުކުރަން ފެނަކައާއި އަޅުގަނޑަށް ނިސްބަތްކޮށް ފަތުރަމުންދާ ދޮގު ވާހަކަތަކެއް. ދެރަކަމަކީ، ހަގީގަތެއް ނެތް މި ޕޯސްޓް ދައުރުވެ، އަދި ހަގީގަތް ނޭނގި ރައްޔިތުން އެ ޝެއަރކުރަމުންދާތީ.“ މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، ފަހަކަށް އައިސް ފެނަކައާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުން ދަނީ، ފެނަކައިގެ އާ މެނޭޖެމެންޓުން ކުންފުނީގެ މާލީ ހާލަތާއި ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތަންފީޒު ކުރަމުންދާ ކަންކަމުން ބައެއް ފަރާތްތަކަށް ކުރިން ލިބެމުން އައި މަންފާ ލިބުން ހުއްޓުވުމަކަށް އައިސްފައިވާތީ ފަތުރަމުން ދާ އަޑުތަކެއް ކަމަށެވެ. މިއީ، އެ ނާޖާއިޒު ފައިދާ ނެގުމަށް އޮތް ދޮރުތައް ބަންދުކުރުމުން އޭގެ ހަސަދަވެރިކަމުގައި ދައްކަމުންދާ ވާހަކަތެއްކަމަށެވެ.
”އަޅުގަނޑުމެން ގެނައި ބަދަލުތެރޭގައި ކުންފުނީގެ ތަކެތި ސަޕްލައި ކުރަން ދޯނި ކުއްޔަށް ހިފާ އުސޫލުތަކަށް ބަދަލެއް ގެނައިން. ކުރިން ދޯނި ހިފަމުން އައި ގޮތުން ބައެއް ފަރާތްތަކައް ބޮޑެތި ކަޓުތައް ލިބެމުން އައީ. މި ގެނައި ބަދަލުން ކަޓު ލިބުން ހުއްޓުނީމައި، ކުންފުންޏާއި ސަރުކާރުގެ އަބުރު ކަތިލަން ވާހަކަ އެދައްކަމުންދަނީ.“ މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، ކުރީގެ މެނޭޖްމެންޓުން ޚިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން އާ މެނޭޖްމެންޓުން ހަވާލުވީއިރު، ކަންކަން އޮތީ ބޮއްސުންލާފައި ކަމަށެވެ. ކުންފުނި ދަރަނިވެރިވެފައިވާއިރު، ރަށްރަށުގެ ކަރަންޓުގެ ހާލަތު އޮތީ ދަށްކޮށް ކަމަށާއި، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، އާ އިންޖީނުތައް ގެނެސް ވަކި އުސޫލެއްގެ ދަށުން އިންސްޓޯލް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.



