20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ފާސްކޮށް، އެއަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު(ޝާޑް) މިއަދުގެ ޖަލްސާއަށް އެ ކޮމިޓީން އެ މަސައްކަތް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުއްވި އެވެ. އެ ރިޕޯޓަށް ބަހުސްކުރެއްވުމަށް ފަހު މިއަދުގެ ޖަލްސާގައި ވަނީ އާންމު ކޮމިޓީން އެކުލަވާލި ގޮތަށް ގަވައިދު ފާސްކޮށްފަ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވޯޓަށް އެހުމުގެ ކުރިން ރިޔާސަތުން ވަނީ، ގަވައިދުގެ 194 ވަނަ މާއްދާއަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި އިސްލާހު ހުށަހެޅުއްވުމަށް ފުުރުސަތު ދެއްވާފަ އެވެ. އެ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ގަވައިދުގައި މިހާރު އޮތް ގޮތުން ކުއްލި މައްސަލަތަކުގައި މެންބަރުންނަށް ދޭ ތިން މިނެޓުގެ ވަގުތަކީ މައްސަލައިގައި ވާހަކަ ދައްކަން އެކަށީގެންވާ ވަގުތެއް ނޫންކަމަށް ވިދާޅުވެއެވެ. މި އިސްލާހަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެވެ.
194 ވަނަ މާއްދާއަށް ގެނައިި އިސްލާހު:
ކުއްލި މައްސަލައެއްގެ ބަހުސްއަށް ދެވޭ ވަގުތު މަޖިލީޙުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، 1 ގަޑިއިރަށްވުރެ ދުގިނުވާނެއެވެ. މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ހުށަހަޅާ މެންބަރަށް ގިނަވެގެން ދެވޭނީ 7 މިނެޓް އަދި މައްސަލަައަކާމެދު ވާހަކަ ދެއްކުމަށް ބޭނުންވާ އެހެން ކޮންމެ މެންބަރަކަށް ދެވޭނީ ގިނަވެގެން 5 މިނެޓުގެ 1 ފުރުސަތެވެ.
މި އިސްލާހު ފާސްކުރުމަށް ބޭނުންވަނީ 32 ވޯޓެވެ. މި އިސްލާހު މިއަދު ފާސްކުރެއްވީ 63 މެންބަރުންގެ ވޯޓުންނެވެ.
އިސްލާހް ފާސްކުރެއްވުމަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކުރުމަށް ނެގި ވޯޓުގައި، 64 މެންބަރުން އެއަށް ތާއީދުކޮށް ވޯޓް ދެއްވި އެވެ. މަޖިލީހުގެ ގަވާއިދު ފާސްކުރަން 62 ވޯޓް ބޭނުންވާއިރު، އެ ކަނޑައަޅާފައިވާ މިންވަރަށް ވޯޓް ލިބުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެ ގަވައިދު ފާސްވެއްޖެކަން އިއުލާނުކުރައްވާފަ އެވެ.
“ ރައްޔިތުންގެ މަޖިލީހުން ދެން އަމަލުކުރާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށްކަމުަގައި ދަންނަވަން. އަދި، މިގަވައިދު އިސްލާހުކުރުމުގެ މަސައްކަތް ކޮށްދެއްވި މަޖިލީހުގެ އާންމުކޮމެޓީގެ ހުރިހައި މެންބަރުންނަށާއި، އެ ކޮމިޓީގެ މުގައްރިރަށް ވަރަށް އިޚުލާސްތެރިކަމާއެކީ މި ފުުރުސަތުގައި ދަންނަވަން.“ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެކުލަވާލުމުގެ ޒިންމާ އާންމު ކޮމިޓީއާ ހަވާލުކުރީ 28 މެއި 2024 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. 26 ޖޫންގެ ނިޔަލަށް މަސައްކަތް ނިންމާ މަޖިލީޙުގެ ތަޅުމަށް ހުށަހެޅުމަށް، އޭރު އެންގި ނަމަވެސް ގަވާއިދު އެކުލަވާލާފައި މިވަނީ މުއްދަތު އިތުރުކޮށްގެންނެވެ.



