ޕާކިސްތާނު މީހަކު ރާއްޖެއަށް އެތެރެކުރަން އުޅުނު 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ބޭފުޅުން ވިދާޅުވީ، މިމަހުގެ 24 ވަނަ ދުވަހު އަބޫދާބީ މަގުން ރާއްޖެެއަށް އެތެރެވި ޕާކިސްތާނުގެ ފަސިންޖަރެއްގެ އަތުން 2.12 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އޭނާގެ ލަގެޖު ބަލާފާސްކޮށް އަތުލައިގަތް މި މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލިކުރި އިރު މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަން ދެނެގަނެވުނުކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިއީ، މަގުމަތީ އަގަށް ބަލާއިރު 2 މިލިއަން އެއްލަކައްކަ ވިހިހާސް ރުފިޔާގެ މަސްތުވާތަކެތި ކަމަށާއި، މި މައްސަލައިގައި ޕާކިސްތާން މީހާގެ އިތުރުން 2 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރު ކުރި ދެ ދިވެހިންނަކީވެސް ކުށުގެ ރިކޯޑް އޮންނަ ދެމީހުންކަމަށްވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކުރީ 25 އަހަރުގެ މީހަކާއި 40 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެދީފައިވެއެވެ. ޕާކިސްތާނު މީހާވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަ ބަންދުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާއި ގުޅުންހުރި އިތުރު ފަރާތްތައް ހޯދުމާއި، ހައްޔަރުކުރި މީހުން މިކަމުގައި ބައިވެރިވެފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ބޯޑަރުހުރަސްކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 64 މަސްތުވާތަކެތި އަތުލައިގަނެފައި ވާކަމަށެވެ.


