މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި 62 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް ހާަމަކުރައްވަމުން ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓް ނާހިދު ހުސައިން ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަންތަކުގައި މިއަހަރު އެވްރެޖްކޮށް މަހަކު 10 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައި އެބަހުރިކަމަށެވެ. އެގޮތުން ޖުމްލަކޮށް ބަލާއިރު، 62 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ނާހިދު ވިދާޅުވީ، މަސްތުވާތަކެއްޗާއި، ބަނގުރަލާއި، ޕާޓީ ޑްރަގްސްއެކު ހަމަސް ދުވަހުގެ ތެރޭގައި އަތުލައިގަނެފައިވާ ތަކެތީގެ މަގުމަތީގެ އަގު 143 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފުސީލާއި މަގުމަތީ އަގު:
* 62056.14 ގްރާމް/ 130،969،636.00 ރުފިޔާ
* 6200 ބަނގުރާ ފުޅި/ 12،400،000،00 ރުފިޔާ
މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހަމަސް ދުވަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި، މަސްތުވާތަކެތީގެ އެކި މައްސަލައިތަކުގައި 116 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށްވެސް ފުލުހުން މިއަދު ބުނެފައި ވެއެވެ.
ނާހިދު ވިދާޅުވީ، ބޯޑަރު ހުރަސްކޮށް ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި، ރާއްޖެއިން ބޭރުގައި ތިބެ އެކަމަށް ފައިނޭންސްކުރުމާއި އަދި އެތަކެތި ޜާއްޖެއަށް ފޮނުވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ މީހުންގެ މަސައްކަތް ހުއްޓުވުމަށް އިންޓަޕޯލްއާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. އަދި މިކަމަށް މަގުފަހިކުރުމުގެ ގޮތުން، މިހާރު އަމަލު ކުރަމުންދާ ކަމާގުޅުންހުރި ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތްތަކެއްވެސް ކުރިޔަށްގެންދާކަމަށް ވިދާޅުވި އެވެ.



