މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ރިޕޯޓްކޮށްފައި ވާކަމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން މިއަދު ބުނެފައިވަނީ، މިއަހަރުގެ އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް އެ ވުޒާރާއަށް ޖުމްލަ 1341 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ހިމެނޭކަމަށެވެ.
ކުޑަކުދިންނާއި ގުޅޭ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 125 މައްސަލައެއްވަނީ ރިޕޯޓުކޮށްފައި ވެއެވެ. އަދި ޖިސްމާނީ އަނިޔާގެ 119 މައްސަލައާއި ޖިންސީ ހާނިއްކައިގެ 119 މައްސަލަވަނީ ހުށަހަޅާފައި ވެއެވެ.
މީގެއިތުރުން، ނަފްސާނީ ހާނިއްކައިގެ 37 މައްސަލައާއި، އިހުމާލުގެ 111 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 15 މައްސަލައާއި، ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 10 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 5 މައްސަލަ ހިމެނެއެވެ. މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 24 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އެ ވުޒާރާއަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ގުޅުންހުރި އެހެނިހެން މައްސަލަތަކުގެ ތެރޭގައި، ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 108 މައްސަލައެއް ހިމެނެއެވެ. އޭގެތެރޭގައި، ސްކޫލަށް ދާން ބޭނުން ނުވުމުގެ 20 މައްސަލަ، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 24 މައްސަލަ، އަދި ގެއިން ނިކުމެގެން ދިއުމުގެ 23 މައްސަލަ، އަދި މިނޫންވެސް އެހެން ބާވަތުގެ 41 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އެ ވުޒާރާއަށް ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 26 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި، ތަޢުލީމަށް ހުރަސްއެޅުމުގެ 4 މައްސަލަ، އައި.ޑީ ކާޑު / ޕާސްޕޯޓު / އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 3 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 4 މައްސަލަ އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ 9 މައްސަލަ ހިމެނެއެވެ. އަދި ކުދިންނަށް ވެކްސިން ނުދިނުމުގެ 1 މައްސަލައާއި، ކަރަންޓު ޚިދުމަތް ކަނޑާލުމުގެ 2 މައްސަލައާއި، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލަ ހިމެނެއެވެ.
ހަމަމިއާއެކު، ޢާއިލާއާ ގުޅުންހުރި 166 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައި ވެއެވެ. މީގެތެރޭގައި ކުދިން ބެލުމުގައި ޖެހޭ 61 މައްސަލަ، ހަޟާނާގެ 36 މައްސަލަ، ދަރިންގެ ޚަރަދު ނުދިނުމުގެ 5 މައްސަލަ، އަދި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 64 މައްސަލަ ހިމެނެއެވެ.




