ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ފަށަން ތައްޔާރުވެފައިވާކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެވުޒާރާއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ”އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް“ ކޯހެއް އަންނަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށާއި މި ކޯހަކީ ބައިވެރިން ޚިޔާރުކުރާ ދާއިރާތަކުން ކުރިއަރާނެ ގޮތަށް، ހުނަރު ތަރައްޤީ ކުރުމަށް ފަރުމާކޮށްފައިވާ ކޯސްތަކެއްކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަކީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިން ޤައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. 6 މަސްދުވަހުގެ މުއްދަތަކަށް ހިންގާ މިކޯސް ފުރިހަމަ ކުރާ އެންމެހައި ފަރާތްތަކަށް ގޭގެއަށް ގޮސް އިލެކްޓްރިކަލް މަސައްކަތްކުރުމުގެ ލައިސެންންސް ލިބިގެންދާނެކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މިކޯހަކީ މުޖުތަމަޢުގައި އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން އެ ވުޒާރާއިން ކުރަމުންދާ މުހިންމު މަސައްކަތުގެ ބައެކެވެ. އަދި، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.




