ޤައުމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ޔަޤީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށްވެސް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި އެ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުޑިޝަރީ ދާއިރާ އޮތީ ވަރަށް ބޮޑަށް އިހުމާލުކުރެވިފައިކަން ފާހަގަކުރައްވައި އެ ދާއިރާއަށް ދޭންވާ ސަމާލުކަން މި ސަރުކާރުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެގޮތުން މިއަންނަ އަހަރު ސްޕީރިއަރ ކޯޓު ކޮމްޕްލެކްސް އަޅަން މަސައްކަތް ފަށްޓަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެތަން ޤާއިމުކުރައްވާނީ ހުޅުމާލޭގައިކަން ފާހަގަކުރައްވައި އެތަން ޤާއިމުކުރައްވާނީ އެ ދާއިރާގެ ބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުރަށްވެސް ޖުޑިޝަރީގެ ދާއިރާއަށް ކުރިއެރުން ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް އެ އޮންނަ އުޞޫލުތަކުގެ ތެރެއިން ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޖޭ.އެސް.ސީ އެކުލެވިފައިވާ ގޮތަށް ބަދަލުގެނަސް ޖޭ.އެސް.ސީއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްވެސް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތައް އެމަނިކުފާނު ރައްޔިތުންނާއި ޙިއްޞާކުރެއްވި އެވެ.
ހަމަ އެއާއެކު ވަކިވަކި މައްސަލަތައް އަވަސްކުރުމަށް ޤާނޫނުގެ ތެރެއިން އިތުރު ކޯޓުތައް ތަޢާރަފުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.




