ތައިލެންޑް ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ކުރިއަށް ގެންދިޔަ ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ އިންވެސްޓިގޭޝަން ޓްރޭނިންގ ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ބައިވެރިވެއްޖެ އެވެ.
މި ޖުލައި މަހުގެ 15 އިން 20 އަށް ބެންކޮކްގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ފުލުހުންގެ ޚިދުމަތުގެ ސެންޓްރަލް އިންވެސްޓިގޭޝަންސް ކޮމާންޑް، މާލެ ޕޮލިސް، ހުޅުމާލެ ޕޮލިސް، ފޮރެންސިކް ސާވިސަސް، ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އަދި ފަސް ރީޖަންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ޓެކްނިކަލް އޮފިސަރުން ހިމެނޭހެން 15 މުވައްޒަފަކު ބައިވެރިވި އެވެ.

މި ޓްރެއިނިންގ ކޯހުގައި ތްރެޓް ޑިޓެކްޝަން، ރިސްކް މެނޭޖްމަންޓް، އެތިކަލް ހެކިންގ، އަދި އިންސިޑެންޓް ރެސްޕޮންސް ފަދަ ސައިބަރއާ ގުޅުންހުރި ތީމުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީން ދިވެހި ފުލުހުންނަށް ތަފާތު އެކި ކޯސްތަކާއި ތަމްރީން ޕްރޮގްރާމުތައް ހިންގަމުން އަންނަކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.



