މީހަކު މާލޭގެ ގެއަކަށް ވައްދާ، އެމީހާ ބަރަހަނާކުރުމަށްފަހު ބިރު ދައްކައިގެން އޭނާ އަތުން ފޭރުނު މައްސަލައާއި ގުޅުންހުރި އަންހެނަކު ފުލުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައަކީ، މިމަހުގެ 24 ވަނަ ދުވަހު ހިނގި މިހާދިސާ އަކީ ގްރޫޕަކުން ރާވައިގެން އެމީހާ ހައްޔަރުކޮށް އޭނާއަށް ބިރު ދައްކައިގެން އޭނާގެ ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު، ބޭންކް އެކައުންޓުގައި ހުރި ފައިސާ ފޭރުމާއި ގުޅިގެން ފުލަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކެވެ.
މި މައްސަލައާއި ގުޅިގެން އިއްޔެ ފުލުހުން ބުނެފައިވަނީ، މިކަމުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވޭ 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން މީގެ ކުރިން ކޯޓެއްގެ އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. އަދި، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރެއް ނެރެދީފައިވާކަމަށެވެ.
މި މައްސަލައިގައި މިއަދު ފުލުހުން ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދިޔަ 43 އަހަރު އަންހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، ތަހުގީގު ނިމެންދެން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެދީފައިވާކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.




