ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު(ސީޓީއޯ) ހާމިދު ޝަފީއު ނިޔާވުމައި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަލްމަރުޙޫމް ހާމިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުއިއްޒު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެ ބޭފުޅާއަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ފަހަރެއްގެ މަތީން ވަޒީފާ އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެއްކަމަށެވެ. އަދި މަރްހޫމް ހާމިދަށް މާތްﷲގެ ރުއްސެވުމާ ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވައި، އަދި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދި ދުއާ ކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތައުޒިޔާ ވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހާމިދު ޝަފީޢު ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއިއެކުގައި ކަމަށެވެ. އަދި، އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ދުއާ ދަންނަވާފައި ވެއެވެ.
ރައީސް އޮފީހުގެ ފުރަތަމަ ޗީފް ޓެކްނޮލޮޖީ އޮފިސަރުކަން ކުރެއްވި ހާމިދު ނިޔާވެފައިވަނީ، އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ.
2019 ވަނަ އަހަރު ހާމިދު އެމަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ސޯލިހުގެ ވެރިކަން ނިމެންދެން އެ މަގާމުގައި ހާމިދު ދެމިހުންނެވި އެވެ. އޭގެ ކުރިން ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސަސް ޔުނިިޓުގައި 1998 އިން ފެށިގެން 2007ގެ ނިޔަލަށް ހާމިދު ޚިދުމަތް ކުރައްވާފައި ވެއެވެ.




