މިހާރު މިފްކޯއަށް މަސްކިރާތާ ދެ ހަފުތާތެރޭ މަސްވެރިންނަށް ފައިސާ ދެމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމު ވިދާޅުވީ، މިފްކޯއަށް މަސްވެރިން މަސްކިރާތާ 2 ހަފްތާތެރޭގައި ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި އެގޮތަށް ގަވާއިދުން ފައިސާ ދެމުން ދާކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭން އަމާޒުކޮށްފައިވާ މުއްދަތުގައި ފައިސާ ނުދެވުމުގެ މައިގަނޑު ސަބަބަކަށްވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އައި ބަދަލުތައް ކަމުގައެވެ. އެގޮތުން، ކުރީ ސަރުކާރުން ސިޔާސީ މަންފާއަށް މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރި އިރު އެ ސަރުކާރަށްވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި އޮތްކަމަށް ވަޒީރު މައުލޫމާތުދެއްވި އެވެ. ހަމައެހެންމެ ކުރީ ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން މިފްކޯގެ ބްރޭކް އީވެން 12 ރުފިޔާއާއި ގާތަށްވެސް ނާންނަކަމަށް ވަޒީރު ވިދާޅުވި އެވެ.
މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް ހަލާސްކޮށް، ބެކްލޮގް ކްލިއަރ ކޮށްފައިވާކަމަށާއި، 48 ގަޑީރުތެރޭ މަސްވެރިން ކިރާ މަހަށްވާ ފައިސާ މަސްވެރިންނަށް ލިބޭނެ ގޮތް ހެދުމަށްޓަކައި މާކެޓަށް ނެރޭ ޕްރޮސެސްކޮށްފައިވާ މަހުގެ އުފެއްދުންތައް އިތުރުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް، މަސްވެރިންގެ ހާލު ގާތުން ބައްލަވަމުންގެންދަވާ ކަމަށެވެ.



