އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ނުވެގެން އެ އެޖެންސީއަށް އެއްވެސް ކަމެއް ނުވެފައެއް ނޯންނާނެ ކަމަށާއި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ދީފައިވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީގެ ”ބާރު ހަތަރެއް“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތާރިޤު ވިދާޅުވީ، އީޕީއޭ މިނިވަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި، އީޕީއޭއާއި މިނިސްޓްރީއާ އަބަދު ވެސް ކޮންމެ ވެސް ކަހަލަ ގުޅުމެއް އޮންނަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، ދުވަހުން ދުވަހަށް އީޕީއޭއިން ކުރަންޖެހޭ މަސައްކަތްތަކަށް މިނިސްޓްރީގެ ނުފޫޒު ނުފޯރާނެ ކަމަށެވެ. އަދި، އީޕީއޭ ބާރުވެރި ކުރުމަށް ކުރަންޖެހޭ ކަންކަން ވެސް މިނިސްޓްރީން ކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.އެހެންކަމުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުން އަދިވެސް ނުގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ޑޭޓުޑޭ ނަގަންޖެހޭ ޑިޒިޝަންތައް ނެގުމާ އެ ހުރިހާ ކަމެއް އެ ބޭފުޅުން އަމިއްލައަށް ކުރަނީ. އެހެންވީމައި އީޕީއޭ މިނިވަން ނުވެގެން ވަކި ކަމެއް ނުވެފައެއް ނޯންނާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭ މިނިވަންކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ. މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވި މިދިޔަ ސަރުކާރުން އީޕީއޭ މިނިވަން ކުރުމަށް ވައުދުވީ ނަމަވެސް، އެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައި ނެތް ކަމަށެވެ.



