ވައިގެ މަގުން ރާއްޖެއަށް އެތެރުކުރަން އުޅުނު 12.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގަނެފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންގެ ޚިދުމަތާއި، ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ އެސިސްޓަންޓް ކޮމިޝަަނަރ މުޙައްމަދު މަސީޙް ވިދާޅުވީ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު އީކޭ ފްލައިޓް 656ން ރާއްޖެއައި އުމުރުން 44 އަހަރުގެ މެލޭޝިއާ މީހެއްގެ ފޮށިތަންމަތި ކަސްޓަމްސްއިން ބެލިބެލުމުން ގާނޫނާއި ގަވާއިދާއި ހިލާފް ތަކެތި އެފޮށިން ފެނިފައިވާކަމަށާއި އެ ފޮށިން ފެނުނު ތަކެތީގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނެބިސް އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
މަސީހު ވިދާޅުވީ އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 15.38 ކިލޯ ގްރާމް ހުރި ކަމަށާއި އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް މުޙައްމަދު އަފްޒަލް ވިދާޅުވީ، މިއޮޕަރޭޝަނުގައި ރާއްޖެ އައި މީހަކީ މެލޭޝިޔާ މީހެއްކަމަށާއި އޭނާ އަތުން ފޭކް ޓިކެޓެއް ފެނިފައިވާކަމަށާއި، އޭނާގެ ޓްރެވަލް ރޫޓް އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެމީހާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ދުބާއީއަށްގޮސް ދުބާއީން މާލެއަށްކަމަށާއި އަދި މާލޭގައި މަޑުކުރުމަށްފަހުއެބުރި ގައުމަށް ދާގޮތަށްކަމަށެވެ. އޭގެއިތުރުން، މިއީ ރާއްޖެއަށް އައި މެލޭޝިއާ ޕަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ބަރުދަނުގެ ގޮތުން ބަލާއިރުވެސް މިއީ ކަސްޓަމްސްއިން މިއަހަރު މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ކޭސްކަން ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކާމިޔާބު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް އަފްޒަލް ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަހީދު ވިދާޅުވީ، މި އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހާއާއި އަތުލައިގަނެފައިވާ ތަކެއްޗާއި ގުޅުންހުރި 41 އަހަރުގެ މެލޭޝިއާ އިތުރު ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އެދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމައްޓަކައި ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް ބެލިބެލުމުން މިމައްސަލައާ ގުޅުންހުރި ހަތަރު ގައުމެއްގެ މީހުން ފާހަގަކުރެވިފައިވާކަމަށާއި މި މައްސަލައިގެ މައުލޫމާތު އެގައުމުތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އަޙްމަދު ވަހީދު ވިދާޅުވީ، މިއަަހަރުގެ މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 37 މައްސަލައެއް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި އެމައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ކޯޓަށް ނުވަ މައްސަލައެއް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އަށް މައްސަލާގައި ކުށް ސާބިތުވެފައިވާކަން ފާހަގަކުރެއްވިއެވެ.



