ހަތަރު ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން، އެބޭފުޅުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒުއަށް އަރުވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާށް ފަތްކޮޅު އެރުވި ސަފީރުންނަކީ، އެންގޯލާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ، ޔުރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައެޅުއްވާ އާ ސަފީރު މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ، ނިއު ޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑޭވިޑް ޕައިން، އަދި ސްވިޓްޒަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. ސިރީ ވޯލްޓް އެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން އެމަނިކުފާނު ވަނީ ސަފީރުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ. އަދި، ސަފީރުންނާއެކު ވަކި ވަކި ބައްދަލުވުން ބާއްވާފައި ވެއެވެ.
ޑިޕްލޮމެޓިކް އާދަކާދައިގެ މަތީން، ސަފީރުކަމަށް އައްޔަންކުރާ ފަރާތްތަކުގެ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ އާއްމުކޮށް ފޮރިން މިނިސްޓްރީއަށް ރަސްމީކޮށް ފަތްކޮޅު އެރުވުމުގެ ކުރިން ހަވާލުކުރަންވާނެ އެވެ. މިގޮތުން، މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި މި ހަތަރު ޤައުމުގެ ސަފީރުން ސަފީރުގެ ކަމުގެ ފަތްކޮޅުގެ ކޮޕީ ޗީފް އޮފް ޕްރޮޓޮކޯލާ ހަވާލުކުރެއްވި އެވެ.
މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށްދާ ގޮތުގެ ތައާރަފެއް ޗީފް އޮފް ޕްރޮޓޮކޯލް ސަފީރުންނަށް ދެއްވި އެވެ.



