އެންގޯލާ ސަރުކާރުން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅައިފި އެވެ.
އެންގޯލާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ، ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ އެވެ. އެންގޯލާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އެންގޯލާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީ ގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވާފަ އެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފަ އެވެ.

އެންގޯލާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފަ އެވެ.
އެއަށްފަހު ސަފީރާ ބައްދަލުކުރައްވައި ދެގައުމުގެ ދެެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރެއްވެވި އެވެ. އެގޮތުން، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ.

އެންގޯލާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ، ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފަ އެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުވަނީ އެމްބެސެޑަރ ކަމީޔާއަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާއި އެންގޯލާއާ ދެމެދު އޮންނަ ގުޅުން، އެ މަނިކުފާނުގެ ދައުރުގައި އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ސަފީރުވަނީ، ސަފީރުގެ ކަމުގެ ފަތްކޮޅުގެ ކޮޕީ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީއާ ހަވާލުކުރައްވާފަ އެވެ. ޑިޕްލޮމެޓިކް އާދަކާދައިގެ މަތީން، ސަފީރުކަމަށް އައްޔަންކުރާ ފަރާތްތަކުގެ ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީ ރަސްމީކޮށް ފަތްކޮޅު އެރުވުމުގެ ކުރިން، ފޮރިން މިނިސްޓްރީއަށް ރަސްމީކޮށް ހަވާލުކުރަންޖެހެއެވެ. ސަފީރުންނަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިޔަށްދާނެގޮތްވެސް މި ބައްދަލުވުމުގައި ޗީފް އޮފް ޕްރޮޓޮކޯލް ދެއްވައެވެ.
ދިވެހިރާއްޖެއާ އެންގޯލާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.



