އިންޑިއާގެ ޓުޓިކޮރިން އިން ސީދާ އައްޑޫ ސިޓީއަށް މުދާ ހިފައިގެން އައި ތިންވަނަ ބޯޓު ހިތަދޫ ޕޯޓުގައި ބަނދަރުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނީ، އައްޑޫ ސިޓީއަށް މުދާ ހިފައިގެން އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އައި ބޯޓު،އެމްވީ ސިއްތާ އައްޑޫ ސިޓީއަށް ފޯރީ ރޭ ދަންވަރު ކަމަށެވެ. އަދި، އެ ބޯޓު ހިތަދޫ ބޯޓަށް މިއަދު ހެނދުނު 10:00 ޖެހިއިރު ބަނދަރުކޮށް، މިހާރު އެބޯޓުން މުދާ ބޭލުމުގެ މަސައްކަތް ފަށާފައި ވާކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
މި ފަހަރުގެ ޝިޕްމެންޓުގައި އިންޑިއާއިން ގެނެސްފައިވަނީ ޕެރިޝަބަލް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުދާ ހިމެނޭހެން 800 ޓަނުގެ މުދަލެވެ. އެމްޕީއެލްއިން ބުނީ، ޕެރިޝަބަލް މުދަލުގެތެރޭގައި ގިނަ އަދަދެއްގެ ބިސް، ފިޔާ، ކަރާ އަދި އަލުވި ހިމެނޭކަމަށެވެ.
އިންޑިއާއިން ސީދާ އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ގެންނަން ފެށީ، އެ ސިޓީގެ ރައްޔިތުންނަށް ތާޒާކޮށް މިބާވަތްތައް އަގުހޮޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ. ޑިމާންޑަށް ބަލައި ކުރިޔަށް އޮތްތާނގައި މުދާ ގެންނަ މިންވަރު އިތުރުކުރަމުންދާނެކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯގެ ޚިދުމަތް ދެމުން އަންނަނީ، ރާއްޖޭ އަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރި ކޮށްނެވެ. ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާ، 15 ދުވަހާ ދޭތެރޭ ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާ ގޮތަށްކަމަށްވެސް އެމްޕީއެލްއިން ބުނެފައި ވެއެވެ.



