މަރުޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަނު ކުރުމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފި އެވެ.
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައި މިހާރު ހުންނެވި، އަހްމަދު މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރުމާމެދު މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި އެދި ވަޑައިގެންނެވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
މި މައްސަަލަ ދިރާސާކުރުމަށް، ކޮމިޓީން ވަނީ، އެމްއެމްއޭ ގާނޫނުގައިވާ ޝަރުތުތައް މުނައްވަރުގެ ކިބައިގައި ފުރިހަމަވޭތޯ ބެލުމަށް ބޭނުންވާ މައުލޫމާތު އެހެން ފަރާތްތަކުން ހޯދުމުގެ އިތުރުން، މުނައްވަރާއި ވެސް އިންޓަވިއުކޮށްފައެވެ. އިންޓަވިއު ކުރިޔަށްދިޔައީ މިއަދު އެވެ.
މާލިއްޔަތު ކޮމިޓީން ކުރި ދިރާސާއަށްފަހު، އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މުނައްވަރަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އަހާފަ އެވެ. މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ފާސްވީ ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މިކަމަށް ގޮތެއް ނިންމާނީ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު ވޯޓަށް އަހައިގެންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީއެންސީއަށް ކަމުން ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން އެ ރިޕޯޓް ފާސްވެގެންދާނެކަން ޔަގީން ކުރެވެއެވެ. މަޖިލީހުން އެރިޕޯޓް ފާސްކުރުމަށް ފަހު މުނައްވަރު ގަވަރުނަރުކަމަށް ފެންނަކަމަށް ރައީސަށް ލަފާ އަރުވައި މަޖިލީހުން ސިޓީއެއް ފޮނުވާނެއެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި މުނައްވަރު އައްޔަންކުރައްވާފައިވަނީ، ޑިސެމްބަރު 12, 2023 ގަ އެވެ. މުނައްވަރުއަކީ ފިނޭންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން އެމްއެމްއޭގައިވެސް 10 އަހަރު ޚިދުމަތް ކުރައްވައި، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ، އަދި މާލީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ކުޅަދާނަ ބޭފުޅެކެވެ.
ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޙާޝިމް އެމަޤާމުން ވަކިކުރެއްވުމަށްފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މަޖިލީހުގެ ލަފާގެ މަތިންނެވެ.
އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ގަވަރުނަރު އައްޔަންކުރެއްވުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ.




