ހދ. ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއު ނިމުމަކާ ގާތަށް އައިސްފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
އެ މަޝްރޫއުގެ މަސައްކަތް އަދާހަމަކޮށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފައިވަނީ، މަޝްރޫއުގެ ޖުމްލަ މަަސައްކަތަށް ބަލާއިރު މިހާރު %95 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި، މިހާރު ކުރިޔަށްދަނީ ސީ އައުޓްފޯލް މަސައްކަތްކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ހިރިމަރަދޫގައި، ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތެއް އަޅައި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް ތިން ތާންގި ބަހައްޓާނެއެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި އެ ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދޭނެ އެވެ.
އެރަށުގައި، ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށްޓަކައި، 5.02 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 1.12 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅައި، ތިން ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފްލޯ ގާއިމު ކުރާނެ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބަލަހައްޓަން ބޭނުުންވާ ޖަނަރޭޓަރު ސެޓާއި، އުޅަނދުތަކާއި، ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭންޖެހެއެވެ.
މިއީ 69.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



