ލ. ފޮނަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް އާ ޖަނަރޭޓަރެއް ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެކަން ހާމަކޮށް މިއަދު ފެނަކައިން ބުނެފައިވަނީ، އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި އެކުުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެރަށަށް 1200 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް މިހާރު ފޮނުވާފައިވާކަމަށެވެ. އަދި، ޖަނަރޭޓަރު އެ ރަށަށް ލިބުމާއެކު އިންސްޓޯލްކޮށް ރަންކުރުމުގެ މަސައްކަތްތައް ފަށާނެކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ލ. ފޮނަދޫގައި ކަރަންޓްގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އެރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ އެކްސެލަރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިންބަލް އެނާޖީ(އެރައިސް) މަޝްރޫއުގެ ދަށުން އެރަށުގެ ކަރަންޓް ވިއަުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ހަވާލުކޮށްފައިވަނީ، ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގ ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗަރަކާއެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގައި މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުމާއި، ނެޓްވަރކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ކުރާނެކަމަށް އެންވަޔަރަންޓް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.




