ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕޯޓަލްގެ އެކްސެސް ކައުންސިލްތަކަށްދީ، ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
މި މަސައްކަތާއި ގުޅޭ އިތުރު ތަފުސީލު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވީ،“ ކުރަނގީ“ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ރާއްޖޭގެ ހުރިހައި ރަށެއްގައި ފަށާފައިވާކަމަށާއި، އެ ވުޒާރާގެ ޓީމެއް ލ. އަތޮޅުގައި މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަޝްރަފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރަނގި އޮޕަރޭޝަންގެ ޕޯޓަލްއަށް އެކްސެސްވެވޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވީ، ލ. އަތޮޅު ގަން އަދި ފޮނަދޫގައި ބިދޭސީންގެ މައްސަލަ ބޮޑުކަން އެރަށް ރަށުގެ ކައުންސިލްތަކުން ފާހަނގަކޮށްފައިވާކަމަށެވެ. އަދި، އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިމައްސަލަ ބޮޑުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޮޕަރޭޝަން ”ކުރަނގި“އަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔައީ ކ.ހިންމަފުއްޓާއި، މާފުށީގަ އެވެ.



