މާލެ ސިޓީ، ހެންވޭރު ގެއަކުން ސައިކަލަކާއި، ޓީވީއެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި އެ ދެ މީހުން އެގެއިން ވައްކަންކޮށްފައިވަނީ ދެ ދުވަހެއްގެ މަތިންނެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ޓީވީއެއް ވަގަށް ނެގިއިރު، ސައިކަލު ވަގަށް ނަގާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ،
މި މައްސަލައިގައި ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަދި 32 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި މައްސަަލައިގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ދެމީހުންވެސް ބަންދުކުރުމަށް ކޯޓުން އަމުރެއް ނެރެދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ދެ މީހުން ވަގަށް ނެގި ސައިކަލާއި، ޓީވީ އެެހެން ގެއެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ވަނީ ހޯދާފަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



