މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
މިކަން ހާމަކޮށް އެކްސްގައި ކަސްޓަމްސްއިން ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވާދެއްވުމަށްޓަކައި ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްއަށް 100 ފްލެޓް ދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން މިހާރު ދީފައިވާކަމަށެވެ.
ރައީސްގެ އެ ނިންމެވުމާ އެއްގޮތަށް 100 ފްލެޓް ކަސްޓަމްސް އަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން، ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު 30 ޖުލައި 2024 ގައި ބޭއްވި ބައްދަލުވުމުގައި އެކަމުގެ ޔަގީންކަން ދީފައިވާކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންނި 4،000 ފުލެޓްގެ ތެރެއިން 100 ފްލެޓް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ދޭން ނިންމި އެވެ. ކަސްޓަމްސް މުވައްޒަފުންނަށް އޭރު ދޭން ނިންމީ ތިން ކޮޓަރީގެ 85 ފްލެޓާއި، ދެ ކޮޓަރީގެ 15 ފްލެޓެވެ.
މި ނިންމުމާއި ގުޅިގެން ކަސްޓަމްސްއިން އެކުލަވާފައިވާ އުސޫލުގެ ދަށުން ފްލެޓް ލިބޭ މުވައްޒަފުން ކަނޑައަޅައި ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ ޔުނިޓް ނަންބަރުތަކުގެ ތެރެއިން ކޮންމެ ޔުނިޓެއް ލިބެންވީ މުވައްޒަފުގެ ނަމާއެކު ހައުސިން މިނިސްޓްރީއަށް ލިސްޓެއް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ. އަދި، މި އަހަރުގެ މާޗު 18 ގައި ކަސްޓަމްސްއިން ހައުސިންގ މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި އިތުރު ބަދަލެއް ނުގެނެސް 100 ފްލެޓް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށް އެއްބަސްވެފައި ވެއެވެ.




