ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުތައް މިއަދުން ފެށިގެން ހުއްޓާލާނެކަމަށް އެކުންފުނިން ބުނެފި އެވެ.
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، މިހާރުގެ މެނޭޖްމެންޓުން ފެނަކައާއި ހަވާލުވީ އިރު ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާފައިވާތީ، ދަރަނި ދެއްކުމަށް ގޮތްތަކެއް ހޯދުމަށް ކުންފުނީގެ ތެރެއިން މިވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އަޅައިގެން ދަރަނި ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބަލާއިރު، ފެނަކައިގެ ފޯކަސް އިން ބޭރުން ނުވަތަ ކުރަންޖެހޭ ކަންތައްތަކަށް ވުރެ ބޭރުން ކުރަން ޖެހޭ ކަންތައްތައް ކުރެވިފައިވާކަން ފާހަނގަކުރައްވައި އެފަދަ ކަންތައްތައް ހުއްޓަމުން ދާކަމަށް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، ޚަރަދު ކުޑަކުރަން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން އައިސް ޕްލާންޓްތައް އެޅުމާއި، އައިސް ޕްލާންޓްތައް އޮޕަރޭޓްކުރުން ކުރުން ހުއްޓާލާނެކަމަށެވެ. އެކަން ހުއްޓާލުމަށް ކަމާއި ގުޅުން ހުރި މިނިސްޓްރީތަކާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް މުއާޒު ވިދާޅުވި އެވެ.
”އައިސް ޕްލާންޓްތަކެއް ނުހިންގާނެ. އައިސް ޕްލާންޓްތަކުންވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރީ. އެހެންވީމައި އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުންވަމުން އައިއްސަ އޮތީ. އެހެންވީމައި އަޅުގަނޑުމެން ނިންމީ ގެއްލުންވާ އެއްވެސް ކަމެއް ކުރިޔަތް އޮތް ތަނުގައި ނުކުރަން. އޭގެތެރެއިން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުންވެސް ނިމުމަކަށް މި ގެނައީ.“ މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ މިހާރުގެ މެނޭޖްމެންޓުން ހަވާލުވިއިރު 17 އައިސް ޕްލާންޓެއްގެ މަސައްކަތް ކުރަމުން އައިކަމަށާއި، ފެނަކައިން މި ޕްރޮޖެކްޓް ހުއްޓާލުމާއި ގުޅިގެން، ސަރުކާރުން މިހާރު މި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދަން މިފްކޯއާ ހަވާލުކޮށްފައިވާކަމަށެވެ.
މުއާޒް ވިދާޅުވީ، އެކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ގާބިލުކަން ނެތުމާއި، އެފަދަ ތަންތަން ހިންގޭ ވަރުގެ ފަންނީ ބޭފުޅުން ނެތުމާއި ވަކިން ޚާއްސަކޮށް އެކުންފުންޏަށް އެމަޝްރޫއުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގެ މޭންޑޭޓާއި ޚިލާފުވެސް މަސައްކަތަކަށް އެކަން ވުމާއެކު، ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން އައިސް ޕްލާންޓް އެޅުމާއި އޮަޕަރޭޓްކުރުން ހުއްޓާލީ ކަމަށެވެ.
މުއާޒްގެ ވާހަަކަފުޅުގައި ކުރީގެ މެނޭޖްމެންޓުން ލ. އަތޮޅުގެ މާމެންދޫގައި ހުރި އައިސް ޕްލާންޓެއް ޕްރައިވެޓް ޕާޓީއެއްގެ އަތުން 11 މިލިއަން ރުފިޔާއަށް ގަތުމަށްފަހު އެމީހުންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދިނުމަށްފަހު، އެރަށުގައި ފެނަކައިން އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް ފަށާފައިވާތީ އެކަން އޭސީސީއަށް މިހާރު ހުށަހަޅާފައިވާކަންވެސް ފާހަނގަކުރެއްވި އެވެ.
”ސުވާލު އުފެދޭ އެއް ރަށެއްގައި، 2 އައިސް ޕްލާންޓް، ޚާއްސަކޮށް ޕްރައިވެޓް ޕާޓީއެއްގެ އަތުން މިހާ އަގުބޮޑުކޮށް 11 މިލިއަން ރުފިޔާއަށް އައިސް ޕްލާންޓެއް ގަނެފަ، އަނެއްކާވެސް އިތުރު އައިސް ޕްލާންޓެއް އެޅުމުގެ މައްސައްކަތް ކީއްވެގެންތޯ އަޅުގަނޑުމެން ކުރަން ޖެހެނީ؟ މިހިރީ އަޅުގަނޑުމެން ސުވާލު އުފައްދަން ޖެހޭ ކަންތައްތައް. މިހާރު މިމައްސަލަ އޭސީސީއާ ހިސާބުގައި އޮތީ. އޭސީސީން މިހާރު އަންގާފައި އޮތީ އެމީހުންނަށް ފައިސާ ދިނުން މަޑު ޖައްސާލަން“ މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ މި ފަދަ ކިތަންމެ ޕްރޮޖެކްޓެއް ދެކޮޅު ނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ ތެރެއިން ކުރީ މެނޭޖްމެންޓުން ކޮށްފައިވާކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް މިހާރުގެ މެނޭޖްމެންޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތަށް ބަލައި ކުންފުންޏަށް ގެއްލުންވާ ގޮތަށް މުއާމަލާތްކޮށްފައި ހުރި މަޝްރޫއުތައް މިވަގުތަށް ހުއްޓާލާފައިވާކަމަށް މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ މިއަދުން ފެށިގެން އެކުންފުނިން ކުރިން ހިންގަމުން އައި އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫއުތައް ވެސް ހުއްޓާލާނެކަމަށެވެ. އޭޓީއެމް މަޝްރޫއަށްވެސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރި އިރު، އެއީ، ފެނަކައިން ކުރަންޖެހޭ ޚަރަދެއް ނޫން ކަމަށެވެ. އަދި، ފެނަކައިން އޭޓީއެމްތަކެއް އަޅައިގެން ހިންގުމަކީ، ރައްޔިތުންނަށް ފެނަކައިން ދޭ ޚިދުމަތުގެ ފެންވަރު މަތި ކުރެވިގެންދާނެކަމެއް ނޫންކަމަށް މުއާޒު ވިދާޅުވި އެވެ.



